ނިވާފަތްގަނޑަކަށް ބޯމަތީގައި ފޮތެއް އަޅައިލެވުން ދުވަހެއް ހަނދާން އެބަހުރިތޯއެވެ؟ މި ހާލަތު މަދުން ނަމަވެސް ބައެއް ބޭފުޅުންނަށް ދިމާވެފައި ހުރެދާނޭކަމަށް އަންދާޒާ ކުރެވެއެވެ. ނަމަވެސް މި މަޒުމޫނުގެ ބޭނުމަކީ މި އަންދާޒާއަށް ވާސިލު ވެވުނު ގޮތުގެ ވާހަކައެއް ނޫނެވެ. އަދި ހަމަ އެހެންމެ، ތުނި ވާރޭކަނިތަކުން ނިވާވުމަށް ބޭއިޙުތިޔާރުގައި ނަމަވެސް ބޮލުމަތީގަ އަތުގާ އޮތް ފޮތެއް ފަދަ އެއްޗެއް ބޭއްވޭ ވާހަކަ ދެއްކުމެއްވެސް ނޫނެވެ. އަޅުގަނޑުގެ ބޭނުމަކީ ގޭތެރޭގެ ރައްކައުތެރި ނިވަލުގައި ތިބެގެން އެހެން ތަންތަނަށް ދިއުމުގެ ފުރުސަތު ފޮތެއްގެ ނިވަލުގައި ހޯދުމާއި ފޮތްތެރިކަމާ ބެހޭގޮތުން އަލިއަޅުވާލުމެވެ. ރަނގަޅު މަޢުލޫމާތާއި ދޮގުމަޢުލޫމާތާއި ބެހޭގޮތުން ދެތިން ބަހެއް ތިލަކޮށްލުމުގެ ބޭނުންވެސް އެބައޮތެވެ.
ދުނިޔެއަށް، އަދި ދިވެހިރާއްޖެއަށް، މިވަގުތު ދިމާވެފައިވާ ހައްސާސް ދަނޑިވަޅުގައި، ގައިދުރުކަން ބެހެއްޓުމާއިއެކު ވީހާވެސް ގިނައިން އެބައެއްގެ ގޭގެ ހިޔާދަށުގައި ތިބުމަށް ސިއްހީ މާހިރުން ކެނޑިނޭޅި އެދަނީ ވިދާޅުވަމުންނެވެ. ދަރިވަރުންނަށް މަދަރުސާތައް މިވަނީ ބަންދުވެފައެވެ. އޮފީސްތަކާއި އެހެނިހެން ތަންތަނުގައި މަސައްކަތްކުރާ މީސްތަކުންގެ ގިނަ ބަޔަކު މިވަނީ ގޭގައި މަޑުކުރަން ޖެހިފައެވެ. ދުނިޔޭގައި 2019ގެ ފަހުކޮޅު ފެންނަންފެށި އައު ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19ގެ ޢަލާމާތެއް ހުރި މީހަކު ފާހަގަވެއްޖެނަމަ ނުވަތަ ހުރެދާނޭކަމުގެ ޝައްކެއް ކުރެވޭ ނަމަ އެބަޔަކު އެކަހެރިކޮށް މަދުވެގެން 14 ދުވަހުގެ ކަރަންޓީނެއްގައި ގައިދުވާން މިވަނީ މަޖުބޫރުވެފައެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އެކި ޒަރޫރީ ކަންކަމުގައި އަވަދިނެތި ދެކޮޅަށް ދުއްވި ދުއްވުން މިވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ރަހުމަތްތެރިންނާއި އެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް ކެފޭތަކާއި ރެސްޓޯރަންޓު ތަކުގައި ހޭދުކުރި ވަގުތުތައް މިވަނީ އެއްކޮށް ނެތިގޮސްފައެވެ. ހޭލަމޭލަކޮށް އޮތް ދިރިއުޅުން މިއޮތީ ވަރަށް ބޮޑު ހުއްޓުމަކަށް އައިސް ހަލަބޮލިކަން މަޑުމައިތިރިކަމަށް ބަދަލުވެފައެވެ. ގިނަބަޔަކު މިތިބީ ގައި ދުރުކަން ކަށަވަރުކުރުމަށް ގޭބަންދުގައެވެ. މުނިފޫހިފުލިވުމަށް ކުރީން ކޮށް އުޅުނު ކިތަންމެ ކަމެއް މިހާރު މިވަނީ މަޑުޖައްސާލަން ޖެހިފައެވެ.
މިއީ ފޮތްކިޔުމުގެ އާދަ އަށަގެންނެވުމަށް ރަނގަޅު ދަނޑިވަޅެއް ނޫންތޯއެވެ؟
މިތަނުގައި ފޮތް މި މާނަކުރަނީ މައުލޫމާތު ހޯދުމަށް ބޭނުންކުރާ ތަފާތު ލިޔުންތަކަށެވެ. ފޮތްކިޔުމަކީ ކިޔުމެވެ. ފޮތް އެއްކުރުމެއް ނޫނެވެ. ފޮތް ކިޔާނަމޭ ހިތުލުމެއްވެސް ނޫނެވެ. ހަމައެކަނި ސުރުޚީ ކިޔައިލުމެއްވެސް ނޫނެވެ. މަތިމަތިން ދެލިގަނޑަށް ނަޒަރު ހިންގާލުންވެސް އެއީ ފޮތްކިޔުމެއް ނޫނެވެ. އާދޭހެވެ! އަޅުގަނޑަށްވެސް އެނގެއެވެ. މިއީ ޓްވިޓަރުގެ ޒަމާނެވެ. 250 ވަރަކަށް އަކުރުން ލިޔެލެވޭ ޓްވީޓް މުޅި ދުނިޔެއާ ހަމައަށް ދިއުމުގައި ފަޅިސިކުންތެއްވެސް ނުނަގާ ޒަމާނެވެ. މިއީ އިންސްޓަގްރާމް، ފޭސްބުކް، ސްނެޕްޗެޓް، މިހެންވެސް މިފަދަ ކިތަންމެ މީސްމީޑިއާ އެއްގެ ޒަމާނެވެ. މިޒަމާނުގެ އިންސާނުން ކިޔާއުޅެނީ އިންޓަރނެޓުގައި މިގޮތަށް ދައުރުވާ ޓްވީޓްތަކާއި ސްޓޭޓަސްތަކާއި ޚަބަރުގެ ސުރުޚީތަކެވެ. މިޒަމާނުގައި ކުޑަކުދީންނާއި ޒުވާނުންގެ “ފޮތްކިޔުމަކީ” މިއީ ކަހަލައެވެ. ފޮތެއްގެ ޒަރީއާއިން ލިބޭނޭ ކިތަންމެ ގިނަ މަޢުލޫމާތެއް މި އެއްޗެތިން ލިބޭވެސް މެއެވެ. ނަމަވެސް މިއީ ބައިބަޔަށް ކުރު ކުރުކޮށް ލިބޭ މައުލޫމާތުތަކެކެވެ. މި މައުލޫމާތަކީ ސައްހަ އެއްޗެއްތޯ ނޫންތޯ ބަލައިނުލާ އެ މައުލޫމާތު ސިކުންތުކޮޅެއްގެ ތެރޭގައި ފަތުރާލާނޭ ވަސީލަތާއި ޤާބިލުކަން ހުރި އެތަކެއް ހާސް އަދި އެތަކެއް މިލިއަން މީހުން މި ޤައުމާއި ދުނިޔޭގައި ވެއެވެ. ވުމާއިއެކު ރޯނުއެދުރުން އެހާމެގިނައެވެ.
މިވާހަކަތައް މިގޮސް ގުޅެނީ ދޮގުމަޢުލޫމާތާއި، ތަނެއްދޮރެއް ބަލައިނުލައި ޤާފިލުކަންމަތީ ތިބެ މައުލޫމާތު “ޝެއަރ” ކޮށްލުމުން ހުޅުގަނޑެއްހެން ފެތުރިގެންދާ އޮޅުންބޮޅުން މައުލާމާތުގެ ހައިޖާނުތަކާ އެވެ. އަދި އަޅުގަނޑުގެ އެންމެ މުހިއްމު މައުޟޫއު ކަމުގައިވާ “ފޮތް” އެއީ ކޮން އެއްޗެއް ކަމާއިއެވެ.
ފޮތަކީ ތޯއެވެ!
ފޮތަކީ ޒަމާނުއްސުރެ ވަކި ތަރުތީބަކުން، ހަމައެއްގެ މަތިން، ކަންކަން ދަންނަބަޔަކު ލިޔެ އަދި އެބައެއްގެ ތެރެއިން އެހެން މީހުން އެ މައުލޫމާތެއްގެ ސައްހަކަމަށް ސުވާލުކުރުމަށް ފުރުސަތު ދެވި، ނުވަތަ އެންމެ ކުޑަ މިންވަރުން ދެލިގަނޑުގެ ކުއްފިލުވުމަށް އެޑިޓޯރިއަލް ގެ މަސައްކަތްތަކެއް ކުރެވުމަށްފަހު، އާންމުންނާއި ހަމައަށް ނެރެދެވޭ މައުލާމާތު އެކުލެވިގެންވާ ލިޔުމެކެވެ. ފޮތޭ ބުނުމުން އެ ހަމައެކަނި ރަމްޒުކޮށްދެނީ ވާހަކަފޮތް ނުވަތަ ޓެކްސްޓް ފޮތަށް އެކަނިވެސް ނޫންމެއެވެ. ނޫސް މަޖައްލާ އަދި ޢިލްމީ ހޯދުންތައް ލިޔެފައި ހުންނަ ޖަރނަލް ވެސް އެއީ ފޮތުގެ ބާވަތްތަކެވެ. ބްރޯޝަރ، ލީފްލެޓް ފަދަ ތަކެތިވެސް އެއީ ފޮތުގެ ތެރޭގައި ހިމެނޭނޭ ތަކެއްޗެވެ. މިޒަމާނަށް ބަލާއިރު މިއިން ކޮންމެ ވައްތަރެއްގެ “އޮންލައިން” ބާވަތްތައްވެސް މި މާނައިން ފޮތުގެ ތެރޭގައި ހިމެނޭނެއެވެ.
ވީމާ، ފޮތް ކިއުއްވާށެވެ. ތަންތަންކޮޅުންވެސް ކިޔުއްވާށެވެ. ބައެއް ފޮތްފޮތަކީ ފެށިގެން ނިޔަލަށް ކިޔުމުން ނޫނީ އޭގެ ފޮނިމީރުކަން އިހުސާސު ނުކުރެވޭނޭ ފޮތްފޮތެއް. މިސާލަކަށް ވާހަކަފޮތާއި މީހުންގެ ހަޤީގީ ދިރިއުޅުމާއި ބެހޭގޮތުން ލިޔެފައި ހުންނަ ބަޔޮގްރަފީ ފަދަ ތަކެއްޗެވެ. މިފަދަ ކޮންމެ ފޮތަކީ ތިބާ، އިން ތަނެއްގައި އިނދެ އެހެން ގެއެއް، އެހެން ރަށެއް ނުވަތަ އަވަށެއް، ނުވަތަ އެހެން ޤައުމެއްގެ އަދި ސަޤާފަތެއްގެ އެތައް ކަމެއް އިހުސާސްކޮށްލުމަށް ލިބޭ ވަރުހުރި ވަސީލަތެކެވެ. ހަރު މީހުން ބުނެއުޅޭގޮތުގައި ފޮތެއް ހުޅުވާލުމަކީ އެހެން ދުނިޔެއެއް، އެހެން ތަޖުރިބާތަކެއް، އެހެން މާހައުލަކަށް ހުޅުވާލެވޭ ދޮރެކެވެ. ނަމަވެސް ހަމަ އެކަނި ސުރުޚީއަށް ބުރަވެ އެ ލިޔުމެއްގައި އޮތް އެއްޗެއް އެނގޭކަމަށް ޤަބޫލުކޮށް ގޮތް ނުނިންމާ ތަފުސީލުކޮށް ކިޔައިލުމަށް ވަގުތުކޮޅެއް ހޭދަކޮށްލާށެވެ.
އޮންލައިން ނޫހަކީ ފޮތް ހެއްޔެވެ؟
ކުރިން ބުނެވިދިޔަ ފޮތުގެ މާނައަށް ރިޔާއަތްކުރާއިރު ނޫސް މަޖައްލާ އަކީވެސް ފޮތް ކަމަށް ބުނެވިއްޖެއެވެ. ހަމަ އެނޭވާގައި ފާހަގަކޮށްލަންޖެހެނީ ފޮތެއްގައި ހިމެނޭ މަޢުލޫމާތު އެއީ ކޮންގޮތަކުން ލިޔެވޭ މަޢުލޫމާތު ތަކެއްކަމަށް ބަޔާންކޮށްފައި އޮތް ބައިގައި އޮތް އެޑިޓޯރިއަލްގެ ބަޔަށެވެ. މިހާހިސާބުން ވިސްނުންގޮސް ހުއްޓެނީ މިޒަމާނުގެ ނޫސްތަކަށެވެ. “ބްރޭކިން ނިއުސް” ނޫނީ ހޫނު ޚަބަރު ގެނެސް ނުދޭ ނޫހެއް މަދެވެ. މި ކުޑަކުޑަ ދިވެހިރާއްޖޭގައި ވެސް އޮންލައިން ނޫސް އެހާމެ ގިނައެވެ. ކޮންމެސް މީސްމީޑިއާގެ މަންސައަކުން ކަންބޮޑުވާޒާތު ސުރުޚީ އެއް ފެނިގެން، މި ވެގެންއުޅޭގޮތް ސާފު ކޮށްލުމަށް އެ ލިންކަށް ފިތާލުމުން ކަމެއް ސާފުވުމުގެ ބަދަލުގައި ގިނަފަހަރަށް ކުރިމަތިވަނީ އޮޅުންބޮޅުމާއެވެ. މި ވާނުވާ ބަލައިލުމަށް އިތުރަށް އެހެން އޮންލައިން ނޫސްތައް ހާވާލެވެއެވެ. މިހެން ބަލަމުންދާއިރު، ފާހަގަވާ އެއްކަމަކީ ލިޔުންތަކުގައި ކުއް ގިނަކަމެވެ. މައުލޫމާތު ފުރިހަމަ ނޫންކަމެވެ. އަމާބުނީތީ ފަރަށްދާ ބީދައިން ލިޔެވިފައި ހުންނަ ޚަބަރުވެސް އެހާމެ ގިނަކަމުގައި ބުނުމަކީ ނޫސްވެރިން ބަދުނާމުކުރުމުގެ ނިޔަތުގައި ލިޔާލިޔުމެއް ނޫނެވެ. މި ލިޔެވެނީ ގިނަބަޔަކު ދައްކައި އަދި ޤަބޫލުކުރާ ވާހަކަތަކެކެވެ. ކުރިއާ ޚިލާފަށް ނޫހަކީ ފައިސާދީފައި މީހުން މިހާރު ގަންނަ އެއްޗެއް ނޫނެވެ. ވިޔަފާރި އުސޫލުން ހިންގާ ނޫސްތަކުގައި އިޝްތިހާރާއި ސްޕޮންސަރޝިޕްއަށް ބަރޯސާ ވާންޖެހޭކަމީ އެންމެންވެސް ދަންނާނެ ކަންކަމެވެ. އިޝްތިހާރުކުރާ މީހުން ބޭނުންވާނީ އޮންލައިން ޚަބަރުތައް ކިޔާލުމަށް އެ ނޫހުގެ މަންސައަށް ޒިޔާރަތްކުރާ މީހުންގެ ޢަދަދު ގިނަވުމަށެވެ. ވުމާއި އެކު ޙަބަރު ގިނަކުރުމަށް ނޫސްވެރިންނަށް މަޖުބޫރުވެއެވެ. ޚަބަރުގައި އޮއްޓަރެއް އުރަތްޕެއް ނެތަސް އަވަސް ޚަބަރު އުފައްދާ “ސެންސޭޝަނަލް” ސުރިޚީ އެއް ޖަހާލުމަށްވެސް މަޖުބޫރުވެއެވެ.
މިވާހަކަތަކުގެ ބޭނުމަކީ ކޮބައިތޯއެވެ؟
މި ލިޔެވިދިޔަ ބަސްކޮޅުގެ ބޭނުމަކީ ފޮތްކިއުމުގައި އަދި މަޢުލޫމާތު ހޯދުމުގައި ފާރަވެރިވުމަށް ހަނދާންކޮށްދިނުމެވެ. މިފަދަ ހާސްކަމެއްގައި މުޅިދުނިޔެ އޮތްއިރު އުފެދޭ ޚަބަރުތަކާއި އޮންލައިންކޮށް ލިޔެވޭ އެކިއެކި އާޓިކަލްތަކުގެ ސުރުޚީ އެކަނި ބެއްލުވުމަށްފަހު ވަކިވަކި ފަރުދުން އިތުރު ކުދިކުދި “ބްރޭކިން ނިއުސް” އެބަޔަކު ނިސްބަތްވާ ވައިބަރ ގުރޫޕްތަކާއި މީސްމީޑިއާގައި ލިޔެ ނޭނގިތިބެ އުފެއްދޭ ފިތުނަތަކާއި އުފެއްދޭ ދޮގުމައުލޫމާތު ހުއްޓުމާއި، މިފަދަ މައުލޫމާތު ތަކުގެ މައްޗަށް އުފެދޭ ކުއް ހީތަކާއި ކުއް މައުލޫމާތުތައް ދައުރުވުން މަދުކުރުމަށް ފާރަވެރިވާން ޖެހެއެވެ. ފޮތް ކިޔުއްވާށެވެ. އެކި ބާވަތުގެ ފޮތް ގިނަގިނައިން ކިޔުއްވާށެވެ. އަޅުގަނޑުމެނަށް ލިބިފައިވާ އެންމެ އަގުބޮޑު ފޮތަކީ ކީރިތި ޤުރުއާނެވެ. ފަހުމުވާ ބަހުރުވައަކުން ލިޔެފައިވާ ޤުރުއާންގެ އާޔަތްތައް ކިޔައި އިންސާނުންގެ އަޚުލާގައި ދިރިއުޅުން ބަހައްޓާންވީ ގޮތުގެ ފިލާވަޅު ލިބިގަންނާށެވެ. މީގެ އިތުރުން، ތަފާތު އެކިއެކި ރަނގަޅު ފޮތްކިޔުއްވާށެވެ.
ރަނގަޅު ފޮތް ދެނެގަންނާނީ ކިހިނަކުންތޯއެވެ؟
ފޮތް (ފޮތުގައި ހުރި މައުލޫމާތު) ލިޔުނީ ކާކުތޯ ބައްލަވާށެވެ. އެއީ އެ މައުޟޫއަށް އެއްޗެއް ލިޔުމަށް އެކަށޭނަ މީހެއްކަން ދަނެގަންނާށެވެ. ވާހަކަފޮތެއް ނަމަހީވެސް މިފަދަ ކަންކަން ބަލައިލުން މުހިއްމެވެ. ފޮތްކިޔާބައެއްގެ ބަސްމަގާއި ފޮތުގެ ޒަރީއާއިން ލިބިގަންނަ ތަޖުރިބާގެ ބޮޑުބައެއް ބިނާވެގެންވަނީ ފޮތް ލިޔުނު މީހާގައި ހުރި ޢީލްމާއި ހިލްމެއްގެ މައްޗަށެވެ. މީގެ އިތުރުންވެސް ކޮންމެ ފޮތެއް ނުވަތަ ނޫސް މަޖައްލާއެއްވެސް، އެ އަށް ޖަވާބުދާރީވާނޭ އިތުރު ފަރާތްތަކެއް ވާނެއެވެ. ޕަބްލިޝަރުންނަކީ ލިޔެފައިވާ ފޮތެއް، ފޮތުގެ އެޑިޓޯރިއަލުން ފެށިގެން ފޮތް އާއްމުންގެ އަތަށް (ޕްރިންޓް ކޮށްފައިވާ ފޮތެއްގެ ސިފައިގައި ނުވަތަ އިލެކްޓްރޯނިކް ފޮތެއްގެ ސިފައިގައި އޮންލައިންކޮށް) ފޯރުކޮށްދިނުމާ ހަމައަށް ބޮޑު ޒިންމާއެއް އަދާކުރާ ބައެކެވެ. ރާއްޖޭން ބޭރުގައި އުފެދިފައިވާ ފަދަ ބޮޑެތި ޕަބްލިޝަރުން ރާއްޖޭގައި މަދެވެ. ނުވަތަ ނެތޭ ދެންނެވުންވެސް މުޅިން ކުށަކަށް ނުވާނެއެވެ. އަޅުގަނޑު ޕަބްލިޝަރުން މާނަ މިކުރަނީ ފޮތް ލިޔުނު މީހާ ފައިސާ ހިފައިގެން ގޮސް ފޮތް ޗާޕުކޮށް ބައިންޑް (ހީރަސް) ކުރުމަށް ހަވާލުކުރާ އިދާރާގެ މާނައަކު ނޫނެވެ. ޕަބްލިޝަރުންގެ ދައުރަކީ އެއަށްވުރެ މާބޮޑަށްވެސް ފުޅާ ދައުރެކެވެ. މިވަގުތަށް އެ މައުޟޫއު އެއްފަރާތްކޮށް، ފޮތުގެ ވާހަކަ އިތުރަށް ކުރިއަށްގެންދާނަމެވެ.
ފޮތަކީ މައުލޫމާތުގެ ޚަޒާނާއެކެވެ. ދިވެހިރާއްޖެއަކީ، އެހެނިހެން ގިނަތަކެއްޗެކޭ އެއްގޮތަށް، ފޮތް ހޯދުމަށްވެސް އެހެން ކަރަކަރައަށް ބަރޯސާވާންޖެހޭ ޤައުމަކަށްވާތީ ފޮތަކީ ނިސްބަތުން އަގުބޮޑު އެއްޗެކެވެ. އަދި ލިބެން ހުންނަ ފޮތުގެ ބާވަތް މަދެވެ. އަމުދުން ބައެއް ރަށްރަށަށް ނުލިބެޔޭވެސް ބުނެވިދާނެއެވެ. މި ސަބަބުތަކާއި އެކު ފޮތްކިއުމަކީ ދިވެހިންނާ ބީރައްޓެހި ކަމެއްކަމުގައި ރާއްޖޭގެ މަޢުލޫމާތުގެ ސަޤާފަތް ދެނެގަތުމަށް އަޅުގަނޑު ކުރިއަށްގެންދިޔަ ޢިލްމީ ދިރާސާއަކުންވެސް ފާހަގަވިއެވެ. ފޮތްކިޔުމަކީ އަސާސީ ބޭނުމަކަށް ނުފެންނާތީ އަގުބޮޑުކޮށް ކިޔާނޭ ފޮތް ގަންނަ މީހުންވެސް ރާއްޖޭގައި ނިސްބަތުން މަދުކަމުގައި އަޅުގަނޑު އަންދާޒާކުރަމެވެ. މިކަން އޮތީ މިގޮތަށްކަމަށް ދެއްކޭނޭ ދަލީލެއް ނެތަތީ ދިވެހީންގެ ތެރެއިން ފޮތަށް ލޯބިކުރާ އަދި ކިޔާނޭފޮތް ގަންނަ މީސްތަކުންގެ ކިބައިން މިފުރުސަތުގައި މަޢާފަށް އެދި ފޮތް ކިޔުމުގެ ވާހަކައާއިގެން ކުރިއަށް ދާނަމެވެ.
މިޒަމާނަކީ ފޮތް ހޯދުމުގައި ނުހަނު ފަސޭހަތައް ހުރި ޒަމާނެކެވެ. ދުނިޔޭގެ ކޮންމެ ބައްރެއްގާ ހުރިފޮތެއްވެސް، ރާއްޖޭގައި ތިބެ އަޅުގަނޑުމެންގެ އަތްތަކުގައި ހުރި ގެޖެޓުތަކުން ސިކުންތުކޮޅެއްގެ ތެރޭގައި އަތްފޯރާފަށަށް ލިބޭނޭ ގޮތްތައް އެބަހުއްޓެވެ. އާދޭހެވެ. ރަނގަޅު ފޮތް ހުރި މިފަދަ ގިނަ “ޑިޖިޓަލް ލައިބްރަރީ” ތަކަކީ މާލީގޮތުން އަގުބޮޑު ވަސީލަތްތަކެކެވެ. އަޅުގަނޑުމެން އާއްމުކޮށް ދަންނަ ގިނަ “ފިޒިކަލް” ލައިބްރަރީތަކަކީ އެތަނެއްގައި ހުރި ފޮތްތައް ކިޔުމަށް ފައިސާއެއް ޚަރަދުނުކޮށް ބޭނުންކުރެވޭ ވަސީލަތްތަކެކެވެ. އެގޮތަށް އެކަން ހަމަޖެހެނީ އެ ފޮތްތައް ގަތުމުގެ ޒިންމާ ކުތުބުޚާނާތަކުން އުފުލާތީއެވެ.
ނަމަވެސް މިޒަމާނުގެ ޑިޖިޓަލް ލައިބްރަރީތަކަކީ އަގު ފިސައިރިބޮޑު އަދި ކޮންމެ އަހަރަކަށް ފީ ކަނޑައަޅައި އެ އޮންނަތަރުތީބަކުން ސަބްސްކްރައިބް ކުރަންޖެހޭ ކަލެކްޝަންތަކެކެވެ. އެންމެ ދެރަ ކަމަކީ، ޗާޕުކޮށްފައި ހުންނަ ފޮތް ގަންނަ ހިސާބުން މިލްކުވިޔަސް، ޑިޖިޓަލް ކަލެކްޝަން ނުވަތަ މިފަދަ ޑާޓާބޭސް ތަކަކީ ސަބްސްކްރިޕްޝަން ހުއްޓާލާއިރަށް، އެހާތަނަށް ލިބެމުން ދިޔަ ފޮތްތައް އަތުންބީވެގެންދާ ފޮތްތަކަކަށްވުމެވެ. އަލިއަޅުވާލަން ބޭނުންވަނީ އޮންލައިން ފޮތް ރައްކައުކޮށް ކިޔާލުމުގައި ހުންނަ ފަސޭހަކަމާ އެއްވަރަށް ހުރި ގޮންޖެހުންތައްވެސް ބޮޑުކަމެވެ.
ދުނިޔެއަށް ދިމާވެގެން މި އުޅޭ ބަލިމަޑުކަމުގެ ވަބާގެ ސަބަބުން ގޭބަންދަށް އެތައް މިލިއަން ބަޔަކު ދާންޖެހިފައިވާ ދަނޑިވަޅުގައި ފޮތް ހޯދުމަށް ގިނަބަޔަކަށް ދަތިތަކެއް ދިމާވެއެވެ. އެހެން ތަންތަނެކޭ އެއްފަދައިން “ފިޒިކަލް” ލައިބްރަރީތައްވެސް މިހާރު ހުރީ ތަޅު އެޅުވިފައެވެ. ނަމަވެސް ހެޔޮ ޚަބަރަކީ ދުނިޔޭގެ ވަރަށް ގިނަ ޕަބްލިޝަރުން އަދި އޮންލައިން ލައިބްރަރީ ވެންޑަރުން ގިނަ ޑިޖިޓަލް ކަލެކްޝަން ތަކެއް ހިލޭކޮށް މިވަގުތައް ދޫކޮށްލާފައިވާކަމެވެ. މީގެ އިތުރުންވެސް އެކި މުއައްސަސާތަކުގެ ސްޕޮންސަރޝިޕްގެ އެހީގައި ހިލޭ ފޯރުކޮށްދޭ ޑިޖިޓަލް ލައިބްރަރީތައްވެސް ވަރަށް ގިނައެވެ. ފޮތް ކިޔާނޭ ނުވަތަ ފޮތްކިޔާ އަޑުއެހޭނޭ ގޮތްތައްވެސް މިހާރު ގިނައެވެ. މިފަދަ މިސާލު ތަކެއް ތިރީގައި ލިސްޓުކޮށްލާނަމެވެ.
ކުޑަކުދިންނަށް ޚާއްސަ ފޮތްތަކެއް، އަދި ގިނަ ފޮތްތަކެއް ދިވެހި ބަހަށް ތަރުޖަމާކުރެވިފައި
އިނގިރޭސިބަހުން ހުރި ބައެއް ދީނީފޮތް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ލައިބްރަރީން އުފައްދައި ދަމަހައްޓާ ދިވެހިރާއްޖޭގެ ޢިލްމީ ފޮތްތަކުގެ ޑާޓާބޭސް
ކޮވިޑް-19އާއި ގުޅޭ ޢިލްމީ ލިޔުންތަކެއް
ކޮވީޑް-19 އާއި ގުޅިގެން ދުނިޔޭގެ ލައިބްރަރީތައް ބަންދުކުރަންޖެހިފައިވާ މި ދަނޑިވަޅުގައި ދަރިވަރުންނާޢި ޓީޗަރުންނާއި ދިރާސާވެރިން ކިޔާނޭ ފޮތް ފޯރުކޮށްދިނުމަށް ވަގުތީގޮތުން ހިލޭ ފޯރުކޮށްދެވޭ ޑިޖިޓަލް ފޮތްތަކެއް. މިވަގުތުު މި ކަލެކްޝަންގައި 1.3 މިލިއަން ފޮތަށްވުރެ ގިނަ ފޮތް ހިމެނޭ
ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށް އެއްކުރެވިފައިވާ ޑިޖިޓަލް ވާހަކަފޮތް އަދި ޢިލްމީ ފޮތް ހިމެނޭ ކަލެކްޝަންއެއް
އެކި ގްރޭޑްގެ ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ގިންތި ކުރެވިފައިވިާ ޑިޖިޓަލް ފޮތް ކަލެކްޝަނެއް
- – PDF drive (https://pdfdrive.com)
އިންޓަރނެޓް މެދުވެރިކޮށް ހިލޭ ޑައުންލޯޑްކުރެވޭ ޕ.ޑީ.އެފް. ފޮތްތަކުގެ ސާރޗް އެނޖިންއެއް. މިވަގުތު 78 މިލިައަނަށްވުރެ ގިނަ މިފަދަ ފުލްޓެކްސްޓް ފޮތް ހިލޭ ލިބެން ހުރިކަމަށް މި ވެބްޕޭޖްގައި ބަޔާންކޮށްފައިވޭ
މި ލިސްޓަކީ މިފަދަ އޮންލައިން ފޮތް މަންސަތަކުގެ ހަމައެކަނި ކުޑަ މިންވަރެކެވެ. އަޅުގަނޑަށްވެސް ނުއެނގޭ ކިތަންމެ ކިތަންމެ މިފަދަ ފޮތް ކަލެކްޝަނެއް ހުންނާނެކަމާއި މެދު ޝައްކެއް ނުކުރަމެވެ. އެނގޭ ކަމަކީ މަތީގައި މި ލިސްޓުކޮށްލެވުނު ލިންކުތަކުން އެކަނިވެސް އެތައް މިލިއަން ފޮތެއް އަތްފޯރާފަށުގައި ހުރިކަމެވެ. ވުމާއިއެކު، މިވަގުތު މި ދިމާވެފައިވާ ހިތާމަވެރި ދަނޑިވަޅުގައި ސިކުނޑީގެ ދުޅަހެޔޮކަން ދެމެއްހެއްޓުމަށް ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ފޮތްކިޔުން އިތުރުކޮށް މަޢުލޫމާތު މުއްސަނދި ކޮށްލުމަށްޓަކައި ފޮތްތެރި ބަޔަކަށް ވުމަށް މަސައްކަތް ކުރުމަށް މިއަށްވުރެ ވަކި ރަނގަޅު ފުރުސަތެއް ލިބޭނޭ ހެއްޔެވެ؟
————————–
ލިޔުނީ އާމިނަތު ރިޔާޟް (އެޑިޓަރ، މޯލްޑިވްސް ލައިބްރަރީ އެސޯސިއޭޝަން)
މި ލިޔުމުގައި ހިމަނާފައިވާ ފޮޓޯ ކޯޑިނޭޓްކޮށް ތައްޔާރުކޮށްދެއްވީ މޯލްޑިވްސް ލައިބްރަރީ އެސޯސިއޭޝަންގެ ސެކްރެޓަރީ ޙައްވާ ނަބާހާ އާމިރު
ފޮޓޯގައި ބައިވެރިވެލައްވާފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ބައެއް ކުތުބުދާރުން. މި ބޭފުޅުންނަކީ:
- ޢާއިޝަތު ކުރުސީ (އެސިސްޓަންޓް ލައިބްރޭރިއަން، ކުޑަފަރީ ސްކޫލް)
- ޢާއިޝަތު ލުބްނާ (ލައިބްރަރީ އޮފިސަރ، ވިލާ ކޮލެޖް)
- ޙައްވާ ނަބާހާ އާމިރު (ލައިބްރޭރިއަން، ޤައުމީ ކުތުބުޚާނާ)
- އަޒްހާރް އަހްމަދު (އެސިސްޓަންޓް ލައިބްރޭރިއަން، ހާފިޒް އަހްމަދު ސްކޫލް)
- ފާތިމަތު ވިސާލާ (ލައިބްރޭރިއަން، އައްޑޫ ހައި ސްކޫލް)
- ސަލްވާ ކަރީމް (އެސިސްޓަންޓް ލައިބްރޭރިއަން، އަފީފުއްދީން ސްކޫލް)
- ނަސްރީނާ (ލައިބްރޭރިއަން، ގއ. އަތޮޅު ތަޢުލީމީ މަރުކަޒު)
- ސަންފާ ހަސަން (އެސިސްޓަންޓް ލައިބްރޭރިއަން، މާވަށު ސްކޫލް)
- ފާތިމަތު ނަޝްފާ (ލައިބްރޭރިއަން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ)
- ނަސީމާ އަބްދުލް ނާސިރު (އެސިސްޓަންޓް ލައިބްރޭރިއަން، ބ. ރަށު ސްކޫލް)
- އާމިނަތު ނަތާޝާ (އެސިސްޓަންޓް ލައިބްރޭރިއަން، ތ. އަތޮޅު ތައުލީމީ މަރުކަޒު)
- އަހްމަދު ރިއުޝާން (އެސިސްޓަންޓް ލައިބްރޭރިއަން، ޤައުމީ ކުތުބުޚާނާ)
- ޙައްވާ ޝިއުނާ (ލައިބްރޭރިއަން، ހިރިޔާ ސްކޫލް)
- ސިޔާމާ އަބްދުއްރައްޒާޤް (އެސިސްޓަންޓް ލައިބްރޭރިއަން، ރ. އަތޮޅު ތައުލީމީ މަރުކަޒު)
- ޒައިނަބް ޝަޚާ (އެސިސްޓަންޓް ލައިބްރޭރިއަން، މިލަންދޫ ސްކޫލް)
ނޯޓު: ކޮންމެ އަހަރެއްގެ އޭޕްރިލް މަހުގެ 23ވަނަ ދުވަސް ފާހަގަކުރެވެނީ ދުނިޔޭގެ ފޮތުގެ ދުވަހުގެ ގޮތުގައެވެ. މިގޮތުން މި ލިޔުމަކީ ފޮތުގެ މުހިއްމުކަން ފާހަގަކޮލުމުގެ ގޮތުން އެކުލަވާލެވުނު ލިއުމުކެވެ. ފޮތުގެ ވާހަކަދެކެވޭއިރު ފޮތް ވުޖޫދުވާން މެދުވެރިވާ އެކި ގިންތީގެ ލިޔުންތެރީން (ވާހަކިލިޔާ މީހުން، ޅެންވެރިން، ނޫސްވެރިން، އެހެނިހެން ޢިލްމީ ލިޔުންތަކާއި މަޒްމޫނު ލިޔާ މީހުން އަދި ދިރާސާވެރިން)ގެ މުހިއްމު ދައުރަށް އަލި އަޅުވާލުން މުހިއްމެވެ. މީގެ އިތުރުން މައުލޫމާތު ފެތުރުމުގައި އެކި ގޮތްގޮތުން ބައިވެރިވާ މުހިއްމު ފަރާތްތައް ކަމުގައިވާ އެޑިޓަރުންނާއި، ރިވިއުކުރާ މީހުންނާއި، ޕަބްލިޝަރުންންގެ ދައުރުވެސް ފާހަގަކުރަން ޖެހެއެވެ. މީގެ އިތުރުން، ފޮތުގެ ވާހަކަދެކެވޭއިރު ވަރަށް މުހިއްމު އެއް މަންސައަކީ މަތީގައި ބުނެވިދިޔަ އެކި ވައްތަރުގެ ލިޔުން އެއްތަނަކުން ގިނަ ބަޔަކަށް ލިބޭނޭގޮތް މެދުވެރިކޮށްދޭ ކުތުބުޚާނާ ތަކެވެ. އަދި އެ ކުތުބުޚާނާތަކަކީ އަގުހުރި މަޢުލޫމާތު ހޯދުމަށް މަގުފަހިކޮށްދޭ ތަނަކަށް ހަދައިދިނުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ކުތުބުދާރުން (ލައިބްރޭރިއަނުން)ގެ މުހިއްމު ދައުރެއްވާކަން ފާހަގަކޮށްލަންޖެހެއެވެ. މި އަހަރުގެ ފޮތުގެ ޚާއްސަ ދުވަހުގެ ތަހުނިޔާ އެންމެހާ މީސްތަކުންނަށް އަރިސްކުރަމުން ފޮތްތެރި ބަޔަކަށް ވުމަށް ނަސޭހަތްތެރިވަމެވެ.

